މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ވޯލްޑް ކަޕްގެ ރެފްރީންގެ ލިސްޓުގައި ފީފާއިން ހިމަނާފައިވާ ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްކަދީރު އާތަން، އެމެރިކާއަށް އެތެރެވިޔަ ނުދީ ހުއްޓުވައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާގޮތުގައި، އިސްތަންބޫލުން މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ރެފްރީގެ މައުލޫމާތު އިތުރަށް ޔަގީން ކުރަން، އިތުރު އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ކަސްޓަމްސް އަދި ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އިން ވަނީ ބުނެފައެވެ.
ނަމަވެސް ވެޓިން ކަންބޮޑުވުންތަކަކާ ގުޅިގެން، އުމަރުގެ ޝަރުތު ހަމަ ނުވާކަމަށް ބަލައި އެމެރިކާއަށް އެތެރެވުން އޭނާއާށް މަނާ ކޮށްފައި ވާކަމަށް ސީބީޕީގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި އެމެރިކާއަށް ދަތުރު ކުރުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސޯމާލިއާ ހިމެނެއެވެ.
އުމަރު ވަނީ 2024 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި ރެފްރީކަން ކޮށްފައެވެ. މިއާއެކު އޭނާ ވެފައި ވަނީ މުބާރާތުގައި ރެފްރީކަން ކުރި ސޯމާލިއާގެ ފުރަތަމަ ރެފްރީއަށެވެ.



