އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ-ވަތަނީ ޕާޓީން މިދިޔަ މަހު ވެސްޓް ބެންގާލްގެ އިންތިހާބު ކާމިޔާބުކުރި ފަހުން، އެ ޤައުމުގައި އުޅުނު ބަންގްލަދޭޝްގެ ގާތްގަނޑަކަށް 5،000 މީހުން ޑިޕޯޓްކޮށްލާފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ބޮޑު އަޣްލަބިއްޔަތަކުން އެ އިންތިހާބު ކާމިޔާބުކުރީ، ގަވާއިދާ ހިލާފަށް އުޅޭ އެހެން ޤައުމުތަކުގެ މީހުން ހޯދައި، ޑީޕޯޓުކުރާނެކަމުގެ ވައުދާއެކުގައެވެ.
އިންޑިއާއިން ބަންގްލަދޭޝްއާ، ދިގު ބޯޑަރެއް ހިއްސާކުރާއިރު، ތާރީހީ ގޮތުން ބަލާއިރު އިގްތިސާދީ ދަތިކަމާއި އާއިލީ ގުޅުންތަކުގެ ސަބަބުން ގިނަ ބަޔަކު ބަންގްލަދޭޝްއިން އިންޑިއާއަށް ހިޖުރަކުރެއެވެ.
ސްޓޭޓްގެ ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ، ވެރިރަށް ކޮލްކަތާގައި އާދިއްތަ ދުވަހު ވިދާޅުވީ، މިހާތަނަށް ބަންގްލަދޭޝްގެ 5،000 އެއްހާ މީހުން ބޯޑަރު ހުރަސްކޮށް ފޮނުވާލާފައިވާ ކަމަށެވެ.
”ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ) ގެ ދަށުން އިސްތިސްނާނުވާ، ބަންގްލަދޭޝްއިން ސިއްރުން އެތެރެވި މީހުން ޑިޕޯޓްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ވަނީ ފަށާފައި،“ މެއި މަހުގެ ތެރޭގައި ސްޓޭޓްގެ ހުރިހާ ޑިސްޓްރިކްޓެއްގައި ހޯލްޑިން ސެންޓަރުތައް ގާއިމުކޮށްފައިވާކަން ފާހަގަކުރައްވަމުން އަދިކާރީ ވިދާޅުވިއެވެ.




