ފެނަކައަށް ބޭނުންވާ ސާމާނު ހޯދުމުގައި މީގެ ކުރިން ހަދާފައިވާ ގޯސްތައް ތަކުރާރުވިޔަނުދީ، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަންކަން ކުރިއަށްގެންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވަނީ ކުރީގެ މެނޭޖްމެންޓުތަކުން ކުންފުންޏަށް ތަކެތި ހޯދުމުގައި އެކަށީގެންވާ މިންވަރަށް ބަލާފައި ނުވާކަން ފާހަގަވެފައިވާކަމަށް ވިދާޅުވެފައެވެ.
މަދު ރަށެއް ފިޔަވައި ރާއްޖޭގެ އުތުރާއި ދެކުނަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފެނަކައިން ފޯރުކޮށްދެއެވެ.
ފެނަކަގެ އެމްޑީ އަފީފު ވިދާޅުވީ، އެކުންފުނީގެ މަސައްކަތްތަކަކީ ފަންނީ މަސައްކަތްތަކެއް ކަމުން އަބަަދުވެސް ކުންފުނީގެ އެކި ވަސީލަތްތައް ބެލެހެއްޓުމަށާއި އެކި ކަންކަން ކުރުމަށް، އެކި ސާމާނު ހޯދާ ކަމަށާއި އެހެންނަމަވެސް މިމަސައްކަތް މިވީ މުއްދަތުގައި ރަނގަޅަށް ކުރެވިފައި ނުވާކަމަށެވެ.
އަފީފު ވިދާޅުވީ، ފެންވަރު ރަނގަޅު ސާމާނު ހޯދަން އެންމެ އެކަށީގެންވާ ފަރާތްތަކާއި ހަވާލުކުރެވޭކަން ޔަޤީންކުރަން ޖެހޭ ކަމަށެވެ. އަދި މާޒީގައި މިގޮތަށް މަސައްކަތް ކުރުމުން ކުންފުންޏަށް ފައިދާވާން އޮވެމެ ގެއްލުންވާ ގޮތަށް ކަންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ކުންފުނީގެ އޮޑިޓްތަކުން ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ.
”މިސާލަކަށް މެނުފެކްޗަރަރ އަތުން ތަކެތި ހޯދުން އެއީ އެންމެ ރަނގަޅު ގޮތަކީ. މެނުފެކްޗަރަރ އަތުން ތަކެތި، ސީދާ ނުހޯދޭނަމަ ރަނގަޅު ކުންފުންޏެއް އަތުން ހޯދަން ޖެހެނީ. މި ދެންނެވީ ޓެކްނިކަލް ނޯހައު ދަންނަ ފަންނީ ތަޖުރިބާ ހުންނަ ބައެއްގެ އަތުން މިތަކެތި ހޯދާ ކަމަށްވަންޏާ، ރަނގަޅު ތަކެތި ހޯދޭނެ. އަޅުގަނޑު ފާހަގަކުރަން އޮތީ، އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ތަކެތި ހޯދިފައި ހުރީ އެންމެ ރަނގަޅު ތަންތަނަކުން ނޫން.“ ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.




