މުޅި ދުނިޔޭގެ ސަމާލުކަން މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ހުއްޓިފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދުކުރައްވާ ޓީމުތަކުގެ މަޢުލޫމާތު ހިއްސާކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާރމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އިން ވޯލްޑްކަޕަށް ތައްޔާރުކުރި ބޯޅަތަކެއްގައި ސޮއިކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށެވެ.
މި ލޯތްބަކީ އާޖެންޓީނާގެ ލެޖެންޑް މެރެޑޯނާގެ ކުޅުމަށް ތާއީދުކުރަން ފެއްޓެވި ހިސާބުން އުފެދުނު ލޯތްބެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާޖެންޓީނާގެ އިތުރުން ދެން އެންމެ ކަމުދާ ޓީމަކީ ކޮބައިތޯ މިނިސްޓަރު ރާފިޢު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންގްލެންޑަކީ ވެސް އެމަނިކުފާނަށް ވަރަށް ކަމުދާ ޓީމެއް ކަމަށެވެ. އިނގިރޭސި ޓީމަށް ސަޕޯޓްކުރައްވަން ފެއްޓެވީ އެ ޤައުމުގައި ކިޔަވަން އުޅުއްވި ދުވަސްވަރު ކަމަށާއި، އެމަނިކުފާނަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ވެސް ބޮޑު ފޭނެއްކަން ހާމަކުރެއްވިއެވެ.
މި ފަހަރުގެ މުބާރާތުގައި ސަޕްރައިޒިން ނަތީޖާތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފްރާންސަކީ ވަރުގަދަ ޓީމެއްކަން ފާހަގަކުރައްވައި، ހޮލެންޑުން ތަށި ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސައްކަތް ހުރި ގޮތުން ހުރިހާ މެޗެއް ނުބެއްލެވުނަސް، މުހިންމު މެޗުތައް ބެއްލެވުމަށް ވަގުތު ހުސްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ޒުވާނުންނާއި ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ވޯލްޑްކަޕް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓަރު ރާފިޢުގެ އަރިހުން އެދިވަޑައިގެންފައެވެ.
”ވަރަށް ގިނަ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނަށް، ދެން ހުރިހާ ފަރާތްތަކަށް ވޯލްޑްކަޕް ބެލޭ ގޮތަށް އިންތިޒާމުތައް ހުންނާނެ ކަމަށް އުންމީދު ކުރަން،“ ރައީސް ވިދާޅުވިއެވެ.
މިނިސްޓްރީން ނިންމާފައިވަނީ ވޯލްޑްކަޕަށް ތައްޔާރުކޮށްފައިވާ ހާއްސަ ފުޓްބޯޅަތަކެއް ދިވެހި ފުޓްބޯޅަ ލެޖެންޑުންނަށް ހަދިޔާކުރުމަށެވެ. މި ބޯޅަތަކުގައި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން، އެކި ފަރާތްތަކާ ގުޅިގެން ގިނަ ބަޔަކަށް އެއްތަނަކުން މެޗުތައް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ރާއްޖެއަކީ ފުޓްބޯޅައަށް ބޮޑު ލޯތްބެއް އޮންނަ ޤައުމަކަށްވާއިރު، މި މުބާރާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.



