ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ރޭގައި ކުޅުނު، ބާރުގަދަ ދެ ޓީމު ކަމަށްވާ މޮރޮކޯއާއި ބްރެޒިލް ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ދުނިޔޭގެ އެތައް ބަޔަކު ސަޕޯޓުކުރާ ބްރެޒިލް މި މެޗުން ރޭގައި ބަލިނުވި ކަމުގައިވިޔަސް، މިއީ އެ ޓީމަށް ހާސިލު ކުރެވުނު ފުރިހަމަ މޮޅެއް ނޫން ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު މޮރޮކޯއިން ޑޮމިނޭޓްކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ދިން މޮޅު ޕާހަކުން އިސްމާއިލް ސައިބާރީ ވަނީ ބްރެޒިލްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލެއް ޖަހައި މޮރޮކޯއަށް ކުރިހޯދައިދީފައެވެ.
ނަމަވެސް ބްރެޒިލްއިން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ 32 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި، ބްރޫނޯ ގިމަރޭސް ދިން ރީތި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ތަރި ވިނީޝިއަސް ޖޫނިއާއެވެ.
މި މެޗުގައި ދެ ޓީމަށްވެސް ލީޑު ފުޅާކުރުމަށާއި މެޗުން މޮޅުވުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލްގެ ލޫކަސް ޕަކެޓާ ފޮނުވާލި ނުރައްކާތެރި ސިޒާ ކިކް ހަމަލާ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގައި މޮރޮކޯއިން ބްރެޒިލްގެ ގޯލަށް 12 ހަމަލާ ފޮނުވާލިއިރު، ބްރެޒިލްއަށް އުފެއްދިފައިވަނީ 6 ހަމަލާއެވެ.
މެޗުގެ ފަހު ހާފުގައި ބްރެޒިލްގެ އެޓޭކުތައް ވަރުގަދަވެ، ރަފީނިއާ އާއި ޑެނީލޯއަށް ލިބުނު ފުރުސަތުތައް ކީޕަރު ބޯނޯ ހުއްޓުވިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯގެ ނާއިލް އެލް އައިނާއުއީ ފޮނުވާލި ބާރު ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ ސޭވްކޮށް، ބްރެޒިލް ސަލާމަތްކޮށްދީފައެވެ.




