ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ރޭގައި ކުޅުނު މެޗުން، ސްވިޒަލެންޑުން ކުރި ހޯދާފައި ވަނިކޮށް، ފަހު ވަގުތު ނަތީޖާ ބަދަލު ކޮށްލައި ޤަތަރުން ވަނީ ތާރީހީ ޕޮއިންޓެއް ހޯދާފައެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.
މެޗު މުޅިންހެން ޑޮމިނޭޓްކުރީ ސުވިޒަލޭންޑުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސުވިޒަލޭންޑަށް ކުރިހޯދައިދިނީ ބްރީލް އެމްބޯލޯއެވެ.
މި ޕެނަލްޓީ ދިން ނިންމުމާމެދު ބައެއް ސުވާލުތައް އުފެދުނެވެ. އެއީ ޕެނަލްޓީ ދިނުމުގެ ކުރިން އޮފްސައިޑް ހާލަތެއް އޮތް ކަމަށް ބެލެވޭތީއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ކަމަށެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ސުވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ސުވިޒަލޭންޑުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ވަކިން ހާއްސަކޮށް ބްރީލް އެމްބޯލޯ އާއި ރޫބެން ވާގަސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 20 އަހަރުގެ ޖޯހަން މަންޒަމްބީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ސުވިޒަލޭންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ ފަހުކޮޅު ގަތަރުން ކުޅުން ރަނގަޅުކޮށް ސުވިޒަލޭންޑަށް ބާރުބޮޑުކުރުމެވެ. މެޗުގެ 89 ވަނަ މިނެޓުގައި ގަތަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހަސަން އަލް ހައިދޮސް ކުޅެން އެރުވުމާއެކު ގަތަރުގެ އެޓޭކްތައް އިތުރަށް ވަރުގަދަވިއެވެ.
މެޗުން ސުވިޒަލޭންޑް މޮޅުވާން ދަނިކޮށް، ގަތަރުން ވަނީ ހިތްވަރު އެލުވާނުލައި ކުޅެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.


