އެންމެ ފަހު ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް، ރޭގައި ކުޅުނު މެޗުން ޖެހި 7 ލަނޑާއެކު ޖަރުމަނުން މިވަނީ މިފަހަރުގެ ވޯލްޑްކަޕްގެ ފެށުން ވަރުގަދަ ކޮށްފައެވެ.
ޖަރުމަނުން ރޭގައި ވާދަ ކޮށްފައިވަނީ، ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވުމުގެ ކުރިން ދިވެހިން އަޑުއަހާފައި ވެސް ނެތް، ކިއުރަސާއޯ އާއެވެ. އެ ޓީމާ ވާދަކޮށް ޖަރުމަނުން މި މެޗު ކާމިޔާބު ކުރީ 1-7 އިންނެވެ.
ކިއުރަސާއޯ ޖެހި ލަނޑު ޖަހާފައިވަނީ، ޖަރުމަނުން ލީޑު ނަގާފައި އޮއްވާ 21 ވަނަ މިނިޓްގައެވެ.
އެގޮތުން އެ ޓީމުގެ ލިވާނޯ ކޮމެނެންސިއާ ރީތި ލަނޑެއް ޖަހައި ތާރީހަށް ވަނެވެ. އެއީ އާބާދީގައި ދެ ލައްކަ ހަމަނުވާ ކުޑަކުޑަ ގައުމަށް ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑެވެ.
ނަމަވެސް ޖަރުމަން ހުއްޓައެއް ނުލެވުނެވެ. ދެން ލަނޑުތައް އައީ ފުލުފުލުގައި އެ ދެމެދަށް މާ ގިނަ ވަގުތެއް ވެސް ނުދީ އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ.
ގްރޫޕް އީގައި ދެން ހިމެނެނީ އައިވަރީ ކޯސްޓް އާއި އިކުއެޑޯ އެވެ. ރޭ ފަތިހު ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް އައިވަރީ ކޯސްޓް އޮތީ ތާވަލްގެ ދެވަނައިގައެވެ.
މެޗުގެ ފަހު މިނިޓްގައި އައިވަރީ ކޯސްޓް މޮޅުކޮށްދިނީ މެންޗެސްޓަ ޔުނައިޓެޑްގެ އަމަޑް ޑިއާލޯ އެވެ.



