ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި ރޭގައި ޖަޕާނާއި ނެދަލޭންޑްސް ވާދަކުރި މެޗު އެންމެ ފަހު ވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު، ޖަޕާނުން ނެދަލެންޑްސްއާ އެއްވަރުކުރިއެވެ.
ޑަލަސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މި ހާފުގައި ލީޑު ނަގަން ނެދަލެންޑްސްއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ފޯވާޑް ޑޮންޔެލް މާލެން ފޮނުވާލި ދެ ހަމަލާއެއް ޖަޕާނުގެ ގޯލްކީޕަރު ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނެދަލެންޑްސް އިންނެވެ. މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރަޔާން ގްރަވެންބާކް ނެގި ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޖަޕާނުން ނަތީޖާ އެއްވަރުކުރިއިރު، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ޖަހައިދިނީ ކެއިޓޯ ނަަކަމޫރާއެވެ.
މި މެޗުގައި ނެދަލެންޑްސްއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ގްރަވެންބާކުގެ އިތުރު އެސިސްޓަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކްރައިސެންސިއޯ ސަމަރވިލްއެވެ.
ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަޕާނުން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. ކޯނަރަކުން ކޯކީ އޮގާވާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ޑައީޗީ ކަމާޑާގެ ބޮލުގައި ޖެހިފައެވެ.
މި މެޗުން ޖަޕާން ޕޮއިންޓެއް ހޯދިއިރު، މި ފަހަރުގެ ވޯލްޑް ކަޕުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެފާނެ ޓީމެއްގެ ގޮތުގައި ބެލެވޭ ޖަޕާނުން އަންނަނީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދެމުންނެވެ.


