ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ މުޅި ދުނިޔެއަށް މަޝްހޫރު ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖޭގައި ލޯންޗުކޮށްފިއެވެ.
ބާސެލޮސް ނަސަންދުރާގައި މިވަގުތު ކުރިއަށްދާ ރަސްމިއްޔާތެއްގައި، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޚިދުމަތް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ އުރީދޫއާއެކު އޮތް ޕާޓްނާޝިޕެއްގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއީ ވިޔަފާރިތަކަށް ހިތްވަރުދީ ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށް، ސީއީއޯ ވިދާޅުވިއެވެ.
އުރީދޫން ކުރިން ބުނި ގޮތުގައި، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް އަންނަން މާ ގިނަ ދުވަހެއް ދެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ މިއަހަރުގެ އޭޕްރިލް މަހު ވިދާޅުވެފައެވެ. އަދި އެއިރު އުރީދޫން ގެންދަނީ ޕޭޕަލްގެ އިންޓެގްރޭޝަން މަސައްކަތާއި ޓެސްޓިން ފޭސްގެ މަސައްކަތް ކުރަމުން ކަމުގައިވެސް މިނިސްޓަރ ސައީދު އެދުވަހު ވިދާޅުވިއެވެ.
ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ޚިދުމަތްތައް ތައާރަފުކުރުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރިއެވެ.




