ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ހިޖުރީ ސަނަތުން 1448ވަނަ އަހަރު ފެށުމާ ގުޅިގެން، އިސްލާމީ ޤައުމުތަކާ، ސަރުކާރުތަކުގެ އިސްވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މެސެޖުގައި ބަޔާންކުރައްވާފައިވަނީ، މިފެށުނު ހިޖުރީ އާ އަހަރަކީ، ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމަޢުގެ ޙާލަތާމެދު ފުންކޮށް ވިސްނައި، އެއްބައިވަންތަކަން އާލާކުރުމާ، މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެން، މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ސުލްހަވެރިކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވާފައިވެއެވެ.
މީގެއިތުރުން، ހިޖުރީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، އެންމެހައި މުސްލިމް އަޚުންނަށާއި އުޚުތުންނަށް އަރިސްކުރައްވާ ރޭގައި ނެރުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކުރުމަށެވެ.
އަދި ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދު މި ބަރަކާތްތެރި މުނާސަބަތުން އަޅުގަނޑުމެން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެން ކަމުގައި ވިދާޅުވިއެވެ.




