ސަރުކާރުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވިއިރު 58،000 ވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް ’އާއިލީ ބޯހިޔާވަހިކަން‘ އަދި ’ގޯތިގެދޮރު‘ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 18 ޖެނުއަރީ 2026 ގައެވެ.
އެކި ފަހަރު މަތިން ސުންގަޑި އިތުރުކުރުމަށްފަހު އެ ފުރުސަތު ހަމަވީ މި މަހުގެ 15ގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.
° އޭގެ ތެރޭގައި ހިމެނެނީ:
– އާއިލީ ބޯހިޔާވަހިކަން ސްކީމުގެ ދަށުން:
ފްލެޓަށް އެދި – 35،818 އެޕްލިކޭޝަން
ގޯއްޗަށް އެދި – 9،826 އެޕްލިކޭޝަން
– ގޯތިގެދޮރު ސްކީމުގެ ދަށުން:
ފްލެޓަށް އެދި – 112 އެޕްލިކޭޝަން
ގޯއްޗަށް އެދި – 12،749 އެޕްލިކޭޝަން
މާލޭގެ ރަށްވެހިންނަށް ބިން ދޫކުރަން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަދި މާލޭގައި ދިރިއުޅޭ، ޝަރުތު ފުރިހަމަވާ އެހެން ރަށްރަށުގެ މީހުންނަށް ބިން ދޫކުރަނީ ހަމައެކަނި ރަސްމާލެއިންނެވެ.
ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 1،250 އަކަފޫޓުގެ 15،000 ގޯއްޗާއި 7،900 ފްލެޓު ދޫކުރުމަށެވެ.



