ރޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ކުޅެ ޕޯޗުގަލްއަށް 1-1ގެ ނަތީޖާއެއް ލިބުމުން، ގިނަ ސަޕޯޓަރުންގެ ފަރާތުން އެންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވީ ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.
ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ކޯޗު ރޮބާޓޯ މާޓިނެޒްގެ ހިތްވަރު ނެތުމުގެ ނަތީޖާ ކަމަށްވާއިރު، ސަޕޯޓަރުން ބުނެފައިވަނީ ”ރޮނާލްޑޯގެ ތަރިތައް އޮއްސެނީ“ ކަމުގައާއި އޭނާ މިހާރު ފުޓުބޯޅަ ކުޅެން ފިޓު ނޫން ކަމަށެވެ.
ވޯލްޑްކަޕްގެ ތާރީހުގައި ރޭގެ މެޗަކީ ރޮނާލްޑޯއަށް ރިކޯޑުތަކެއް ހެދެން އޮތް މެޗެކެވެ. ބައެއް ރިކޯޑުތައް ރޭގެ މެޗާއެކު އޭނާވަނީ ހަދަންވެސް ހަދާފައެވެ.
އެގޮތުން:
° ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ކުޅުންތެރިޔާ
° ހަ ވޯލްޑް ކަޕްގައި ކުޅުނު ދެވަނަ ކުޅުންތެރިޔާ (އާޖެންޓީނާގެ ލިއޮނެލް މެސީއަކީ ފުރަތަމަ ކުޅުންތެރިޔާ)
° މި ފަހަރުގެ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ ދޮށީ ކުޅުންތެރިޔާ
ދެވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅޭ ކޮންގޯއާ ދެކޮޅަށް ރޮނާލްޑޯއަށް އެއްވެސް ކަމެއް ނުކުރެވުން ވެގެން ގޮސްފައިމިވަނީ އޭނާގެ ”ޑައި-ހާޑް“ ފޭނުންނަށް ލިބުނު ބޮޑު މާޔޫސްކަމަކަށެވެ. އަދި އެކަން ވެގެންގޮސްފައިމިވަނީ ރޮނާލްޑޯއާ ދެން އެންމެ ގިނަ ބަޔަކު އަޅާކިޔާ ލިއޮނެލް މެސީގެ ސަޕާޓަރުންނަށް، ރޮނާލްޑޯއަށް މަލާމާތް ކުރަން ލިބުނު އިތުރު ފުރުސަތަކަށެވެ.
މެޗުގެ ހަވަނަ މިނިޓްގައި ޔޮއާއޯ ނޭވޭސް ޕޯޗުގަލްއަށް ކުރި ހޯދައިދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޮންގޯގެ ޔޮއާން ވިއްސާ ލަނޑު ޖަހައި އެއްވަރުކޮށްދިނެވެ.
ޕޯޗުގަލް ކަހަލަ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެއްގައި ރޮނާލްޑޯ، 41،އަށް މިހާރު ފުރުސަތު ދީގެން ނުވާނެ ކަމަށް، ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ނުލައި، ޕޯޗުގަލް ޓީމަށް އަދި ނުކުޅެވޭނެކަން އެ ޓީމުން ގަބޫލުކުރެއެވެ.
ނަމަވެސް ރޭގެ މެޗާއެކު ގިނަ ފާޑުކިޔުންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ރޮނާލްޑޯއަށް އަމާޒުވެފައެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓްގެ ރިޗަޑް ޖޮލީ ލިޔެފައިވާ ގޮތުގައި ޕޯޗުގަލް ޓީމުގައި މިވަގުތު ތިބީ ”10 ކުޅުންތެރިންނާއި ބުދެއް“ ކެވެ. އޭނާ އެ ބުނާ ބުދަކީ ރޮނާލްޑޯ އެވެ.
ސޯޝަލް މީޑިއާއަށް ބަލާލި ކަމުގައިވިޔަސް، ރޭގެ މެޗަށްފަހު ސޯޝަލް މީޑިއާގެ ހުރިހާ މަންސަތަކެއް ފުރާލާފައިވަނީ ރޭގައި ކޮންގޯއާ ވާދަކޮށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ރަނގަޅަށް ނުކުޅެވުނު ވާހަކައިންނެވެ.




