ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންވަޔަރަމަންޓް މިނިސްޓްރީއާއި ބައެއް އިދާރާތަކާއެކު މުހިންމު މަޝްވަރާތަކެއް މިއަދު ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން ވަނީ ވެމްކޯ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ)، އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަރަޔަމަންޓް މިނިސްޓްރީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މި މައްސަލައަށް ހައްލު ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހުރިއިރު، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދަނީ އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެޗްޑީސީން މިމަހުގެ 14 ވަނަ ދުވަހު ހިންގި ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއްގައި، ހުޅުމާލޭ ފަޅުތެރެއިން 61 ޖަންބޯ ބޭގްގެ ކުނި ވަނީ ނަގާފައެވެ.
މި ހަރަކާތަކީ، ހުޅުމާލެއަކީ ހިތްފަސޭހަ އަދި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި ހަރަކާތެއް ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެއް ދުވަހަށް ހިންގި މި ހަރަކާތުގައި ހުޅުމާލޭގެ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި ނެގިފައިވާއިރު، މިފަދައިން މަގުތަކާއި ފަޅުތަކަށް އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ކުނި ނޭޅުމަށާއި ފަރުދީ ޒިންމާ އެންމެންވެސް އަދާކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.




