ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ”އެޗްޑީސީ އެޕްރެންޓިސްޝިޕް 2026“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމުގައި އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އެގޮތުން މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ ޖޫން މަހުގެ 30 އެވެ.

މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެކެވެ.
އެއީ:
° ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
° ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
° ސާވޭއިން ޓެކްނީޝަން ދާއިރާ

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެއެވެ.
މުޅިއަކު 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.
ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.



