ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި ބެލްޖިއަމް އާއި އިރާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، އީރާނުން ގްރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އެމެރިކާގެ ލޮސް އެންޖެލިސްގެ އިންގްލްވުޑްގައި ރޭގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗުގެ އެންމެ ފާހަގަކޮށްލެވުނީ އިރާންގެ އަލީރެޒާ ބޭރަންވަންދު ދެއްކި މޮޅު ކުޅުމެވެ.
މެޗު ފެށިގެން ކެވިން ޑި ބްރޭނާގެ އެހީތެރިކަމާއެކު ބެލްޖިއަމްއިން މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އީރާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އީރާންގެ މެހްދީ ތަރޭމީ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރުބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ކުޅުން އިތުރަށް ފޯރިގަދަވެގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޑިފެންޑަރު ނޭތަން އެންގޯއީއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.
އިރާންގެ ތަރޭމީ އެކަނި ކައުންޓާ އެޓޭކެއްގައި ދަނިކޮށް ފައުލްކުރުމާ ގުޅިގެން އެންގޯއީއަށް ރަތް ކާޑު ދެއްކުމުން، މެޗުގެ ބާކީބައި ބެލްޖިއަމްއިން ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.
ނަމަވެސް، މި ފުރުސަތުގެ ބޭނުން ހިފައި އިރާނުން ކުރިއަށްޖެހުނު ނަމަވެސް ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބެލްޖިއަމްގެ މެކްސިމް ޑި ކައިޕާ ފޮނުވާލި ނުރައްކާތެރި ހަމަލާ އިރާންގެ ކީޕަރު ބޭރަންވަންދު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.



