ސަރުކާރުން ޚަރަދުކޮށް އިމާރާތްކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު އިމާރާތްކުރަން ހުޅުމާލޭން ބިމެއް ކަނޑައަޅައިފައިވާ ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޤީލާ ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލެއް އިމާރާތްކުރަން 10،000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.
މިނިސްޓަރ ޤީލާ ވިދާޅުވީ، ނަފުސާނީ ފަރުވާ ދިނުމަށް އެ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ތިބެން ޖެހޭ ކަމަށެވެ.
”އަދި މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ ގިނަ ރިސޯސްތައް މާލޭގައި ހުރީ، އަދި މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ،“ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ސަރުކާރުން ނިންމައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހު ހާމަކުރައްވައިފައެވެ.



