ވޯލްޑްކަޕްގައި އޮސްޓްރިއާ އަދި އާޖެންޓީނާ ރޭގައި ކުޅުނު މެޗަކީ، ގިނަ ބައެއްގެ ސަމާލުކަން ލިބުނު މެޗެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މެޗު ލައިވްކޮށް ބަލަމުން ގެންދިޔައިރު، ރާއްޖޭގައި ވެސް ގޭގޭގެ ސިޓިން ރޫމާއި ބޮޑު ސްކްރީނުތައް ކައިރި ފުރާލާފައިވަނީ މި މެޗު ބެލުމަށް ގޮސްފައިވާ ސަޕޯޓަރުންނެވެ.
އާޖެންޓީނާ ކުޅޭ ކޮންމެ މެޗަކީ ވެސް މިފަދައިން ހޫނު ތަރުހީބަކަށްވާއިރު، އޭގެތެރެއިން އެންމެންގެ ވެސް ލޯތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ލިއޮނެލް މެސީ އަށެވެ. ރޭގެ މެޗަކީ ވެސް މެސީގެ ފަރާތުން އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އެތައް ބަޔަކަށް އުއްމީދު ކުރެވުނު މެޗެކެވެ.
ނަމަވެސް އެ އުއްމީދުތަކުގައި ރެނދެއްލީ، އޭނާއަށް ލިބުނު ޕެނަލްޓީ މިސް ކޮށްލުމުންނެވެ. މިއާއެކު އޭނާއަށް ވަނީ ވޯލްޑްކަޕްގެ ތާރީޚުގައި ވެސް އެންމެ ގިނަ ޕެނަލްޓީ ލިބި، އެންމެ ގިނަ ޕެނަލްޓީ މިސް ކޮށްލި ކުޅުންތެރިޔާކަމުގެ ލަގަބު ލިބިފައެވެ.
ވޯލްޑްކަޕްގެ ތާރީހުގައި މެސީއަށް 7 ޕެނަލްޓީ ލިބިފައިވާއިރު އޭގެތެރެއިން އޭނާވަނީ 3 ޕެނަލްޓީ މިސް ކޮށްލާފައެވެ. މީގެއިތުރުން މެސީ ވަނީ މިފަހަރުގެ ވޯލްޑްކަޕްގައި ޕެނަލްޓީއެއް މިސްކޮށްލި އެންމެ ފުރަތަމަ ކުޅުންތެރިޔާ ކަމުގައި ވެސް ވެފައެވެ.
ރޭގެ މެޗުން 0-2 ން އާޖެންޓީނާ މޮޅުވިކަމުގައި ވިޔަސް، ޕެނަލްޓީ މިސްވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އޭނާއަށް ސޯޝަލް މީޑިއާގައި ވެސް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް މީހުން މިހާރު ވަނީ މެސީއަށް ”މިސް ޕެނަލްޓީ“ ގެ ލަގަބު ވެސް ދީފައެވެ.




