އުތުރު އެމެރިކާ ބައްރުގެ ތިން ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، ކޮލަމްބިއާއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މެކްސިކޯގެ އެސްޓާޑިއޯ ގުއާގަލަހަރާގައި މިއަދު ހެނދުނު ކުޅުނު މި މެޗުން ހޯދި މޮޅާއެކު ކޮލަމްބިއާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. ކޮލަމްބިއާގެ ތަރިން ކަމަށްވާ ލުއިސް ޑިއާޒްއާއި ހަމޭސް ރޮޑްރިގޭޒް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީ ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގައި ކޮލަމްބިއާގެ ޑެނިއަލް މުނިއޯޒް ޖެހި ގޯލެއް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާފައެވެ.
މެޗުގެ ހަމައެކަނި ލަނޑު ފެނުނީ 76 ވަނަ މިނެޓުގައެވެ. ކިންޓޭރޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮލަމްބިއާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑެނިއަލް މުނިއޯޒް އެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ކޮންގޯގެ ނެތެނައެލް އެމްބޫކޫ ފޮނުވާލި ބާރު ހަމަލާ ކޮލަމްބިއާގެ ކީޕަރު ވާގަސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ކޮލަމްބިއާއަކީ ވޯލްޑް ކަޕްގައި މިހާތަނަށް ހަ ފަހަރު ވާދަކޮށް، 2014 ވަނަ އަހަރު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ ޓީމެކެވެ. އަނެއްކޮޅުން ކޮންގޯ މި މުބާރާތުގައި ވާދަކުރަނީ 52 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
މި މެޗުން ކޮންގޯ ބަލިވި ނަމަވެސް، ފަހު މެޗުގައި އުޒްބެކިސްތާން އަތުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.
ގްރޫޕް ”ކޭ“ ގެ ތާވަލަށް ބަލާއިރު، ކޮލަމްބިއާ 6 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، ޕޯޗުގަލް އޮތީ 4 ޕޮއިންޓާއެކު ދެވަނައިގައެވެ.




