ފީފާ ވޯލްޑް ކަޕުގައި ރޭގައި އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ ޒަމާންވީ ވާދަވެރިޔާ ލިއޮނަލް މެސީއާ ގުޅުވައި ކުރި ސުވާލަކަށް ޖަވާބުދޭން އޭނާ ދެކޮޅު ހަދައި، ރުޅިގަދަ ވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު މެސީގެ ނަން ބޭނުންކޮށްގެން ސުވާލު ފެށުމާއެކު، ރޮނާލްޑޯ ވަނީ މޫނު އަނބުރާލައި، އެ ސުވާލަށް ޖަވާބު ނުދީ އެހެން ނޫސްވެރިއަކަށް ސުވާލުކުރުމުގެ ފުރުސަތުދީފައެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި، ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދުނިޔޭގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.
ފަހަކަށް އައިސް ރޮނާލްޑޯގެ ފޯމަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ބެހޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، މިއީ ވަރަށް އުނދަގޫ ހަފްތާއެއް ކަމަށާއި، އާންމުންގެ ފާޑުކިޔުންތައް އޭނާއާއި މެނޭޖަރަށް ވަރަށް ބޮޑަށް އަމާޒުވި ކަމަށެވެ.
ނަމަވެސް ވޭތުވެދިޔަ 23 އަހަރުގެ ކެރިއަރުގައި މިފަދަ ކަންކަމާ ކުރިމަތިލާފައިވާ ކަމަށާއި، ކަންކަން ރަނގަޅުވާއިރު ތައުރީފްކޮށްފައި، ދަށްވާއިރު މުސްކުޅިވެއްޖެ ކަމަށް ބުނުމަކީ އާންމުކަމެއް ކަމަށް ރޮނާލްޑޯ ފާހަގަކުރިއެވެ.




