މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަންނަ ހަފްތާގެ ބުދަ ދުވަހު ތާރު އަޅަން ފަށާތީ، ކާނިވާ ކައިރިން ފެށިގެން ހެންވޭރު ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން އަންގައިފިއެވެ.
ފުލުހުން މިއަދު ބުނީ މިރޭ 11:50 އިން ފެށިގެން ކާނިވާ ސަރަހައްދުން ތާރު އަޅަން ކަނޑައަޅާފައިވާ ސަރަަހައްދު ބަންދުވާނެ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ޕާކު ނުކުރުމަށް އަންގައި ފުލުހުން ބުނީ އެތަނުގައި ޕާކުކުރާ އުޅަނދުތައް ނަގާނެ ކަމަށެވެ.
އެކަމުގައި ދިމާވެދާނެ ދަތިތަކަށް ވެސް ފުލުހުން މާފަށް އެދިފައިވެ އެވެ.
ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުކޮށް ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކޮށް ތަރައްގީކުރަން ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެވެ.
އެހެންވެ މަގު ބަންދުކުރި ފަހުން ބައެއް މީހުން ގެންދަނީ ހެންވޭރު ޓާމިނަލާ ދިމާލުން ކާނިވާ ކައިރީ މަގުގައި ވެހިކަލްތައް ޕާކުކުރަމުންނެވެ.
އެމްޓީސީސީން ބުނި ގޮތުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ފަށާއިރު އެ މަސައްކަތް ކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށެވެ. ބާކީ ބައިގައި މަސައްކަތް ފަށާނީ ފުރަތަމަ ބައިގައި ތާރު އަޅާ ނިންމައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ތާރު އެޅުމުގެ މަސައްކަތް ފެށީ ވެސް ހެންވޭރު ޓާމިނަލާ ދިމާލުންނެވެ.




