ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދިން ކަމުގެ ތުހުމަތު ތެހެރާންގެ ބޮލުގައި އެޅުވުމަށް ފަހު، އެމެރިކާއިން އިއްޔެ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.
މިއީ ވޭތުވެދިޔަ ހަފުތާގައި ގާއިމުކުރި ސުލްހައިގެ ވަގުތީ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ކުރިމަތިވި، މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެންދިޔަ ދެ ފަރާތުގެ ކުރިމަތިލުމެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑު (ޔޫއެސް ސެންޓްކޮމް) އިން ބުނި ގޮތުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާނުގެ މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކަށާއި ރާޑަރު ނިޒާމުތަކަށް ހަމަލާދީފަ އެވެ. އަދި މި އޮޕަރޭޝަނަކީ މުދާ އުފުލާ ބޯޓަށް ދިން ހަމަލާއަށް ރައްދުގައި ދިން ވަރުގަދަ ރައްދެއް ކަމަށް އެމެރިކާއިން ސިފަކުރެ އެވެ.
އީރާނުން ބުނި ގޮތުގައި، އެމެރިކާގެ ހަމަލާތައް އަމާޒުވީ އީރާނުގެ ދެކުނުގައިވާ ސިރިކް ބަނދަރުގެ ވަށައިގެންވާ ސަރަހައްދަށެވެ. އަދި އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާދީފައި ކަމަށް ވެސް އެ ގައުމުން ބުންޏެވެ. ނަމަވެސް އެއީ ކޮން ތަންތަނެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ކަމާބެހޭ ފަރާތްތަކުން ފަހުން ބުނެފައިވަނީ، ބަނދަރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ބަނދަރުގެ މަސައްކަތްތައް އާންމު ހާލަތެއްގައި ކުރިއަށްދާ ކަމަށެވެ.
”އީރާނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި. އަޅުގަނޑުމެން އެއަށް އިހުތިރާމްކުރިން. އެމްއޯޔޫ ތަންފީޒުކުރާ ގޮތާ މެދު އެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުމެއް އުޅޭ ނަމަ، ފޯނުން ގުޅައިގެން ވާހަކަދެއްކިދާނެ. ނަމަވެސް އަނިޔާވެރިކަމަށް ރައްދުދޭނީ އަނިޔާވެރިކަމުން،“ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް މި އަސްކަރީ ފިޔަވަޅު ދިފާއުކުރައްވަމުން ވިދާޅުވިއެވެ.




