ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން އެ ޓީމުގެ ކެޕްޓަން، މެސީގެ ހިތްގައިމު ފްރީކިކް ލަނޑަކާ އެކު 3-1 އިން ޖޯޑަން ބަލިކޮށް ފުރިހަަމަ ރެކޯޑަކާ އެކު، މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފިއެވެ.
އާޖެންޓީނާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުން މޮޅުވެގެން ނޮކައުޓް ބުރުން ފުރުސަތު ހޯދި ތިން ވަނަ ޓީމެވެ. މީގެ ކުރިން، މެކްސިކޯ އާއި ފްރާންސުން ވެސް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ.
އާޖެންޓީނާ އިން ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ ހެޓްރިކާ އެކު 3-0 އިން އަލްޖީރިއާ ބަލިކުރިއިރު، ދެ ވަނަ މެޗުގައި މެސީގެ ދެ ލަނޑާ އެކު އޮސްޓްރިއާ އަތުން ވަނީ މޮޅުވެފަ އެވެ.
ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާޖެންޓީނާ އިން ނުވަ ޕޮއިންޓް ހަމަކުރިއިރު، މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ އަދި ތިން ވަނަ ޓީމުގެ ގޮތުގައި އަލްޖީރިއާ އަށް ވެސް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ.
ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، މެޗުގެ 19 ވަނަ މިނިޓްގައި ޖިއޮވާނީ ލޮ ސެލްސޯ ވަނީ ފްރީކިކް ލަނޑެއް ޖަހައި ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލައުޓާރޯ މާޓިނޭޒް ވަނީ ޕެނަލްޓީއަކުން އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
ދެ ވަނަ ހާފު ފެށިގެން 55 ވަނަ މިނިޓްގައި ޖޯޑަންގެ މޫސާ ތަމާރީ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެޕްޓަން ލިއޮނަލް މެސީ ވަނީ 80 ވަނަ މިނިޓްގައި ހިތްގައިމު ފްރީކިކް ލަނޑެއް ޖަހައި އާޖެންޓީނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ލަނޑާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އާ ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑެވެ.
މިއީ ވޯލްޑް ކަޕްގައި މެސީ ކާމިޔާބުކުރި 19 ވަނަ ގޯލެވެ. އަދި މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ހަ ވަނަ ގޯލެވެ.




