މިދިޔަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ކުލަގަދަކޮށް ފާހަގަކުރި ހަރަކާތްތަކަށް ހަރަދުވީ 4.1 މިލިއަން ރުފިޔާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހީނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރާ ސުވާލުކުރެއްވުމަށް އެދިވަޑައިގެންފައިވާތީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެ.
މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ހިންގި ހަރަކާތްތަކަށް ހަރަދުވީ ކިހާ ވަރެއްތޯ އާއި ރަށްރަށުގައި އެކަމަށް ހިނގީ ކިހާ ހަރަދެއްތޯ ސުވާލުކުރެއްވުމުން ހީނާ ވިދާޅުވީ އެކަމަށް ހިނގި ޖުމްލަ ހަރަދަކީ 4.1 މިލިއަން ރުފިޔާ ކަމަށެވެ. އަދި މާލޭ ފިޔަވައި އަތޮޅު ތެރޭގެ އެއްވެސް ހިސާބެއްގައި މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މިނިސްޓްރީން ހަރަކާތެއް ހިންގާފައި ނުވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އެހެންވެ، ޖުމްލަ ހަރަދު ހިނގާފައި ވަނީ މާލޭގައި އެ ހަރަކާތްތައް ބޭއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖުލައި 26 އާ ދިމާކޮށް ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފުޅަނދުބުރާ އެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވިއެވެ.
ގިނަ ބައެއްގެ ބައިވެރިވުމާ އެކު އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން، ޖުލައި 28 އާ ހަމައަށް މިދިޔަ އަހަރު ސަރުކާރު ބަންދުކުރިއިރު އެ މުނާސަބަތާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ ވަޑައިގަތެވެ.




