މާލީ ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޑިޖިޓަލް ހިދުމަތްތަކުގެ އިތުރުން ދާއިރާއަށް އަންނަމުންދާ އާ ބަދަލުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ފައިނޭންޝަލް އެކްސްޕޯ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި އެމަނިކުފާނު ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތް ވެސް ކުރައްވާފައެވެ.

ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10އަށް ކުރިއަށްދާ މި ހަރަކާތުގައި ވިޔަފާރި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެއެވެ.
މި އެކްސްޕޯގެ ތެރޭ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އެ މީހުންގެ އާ އުފެއްދުންތައް ދައްކާލާ، ބައެއް ހިދުމަތްތައް ތައާރަފުކުރާނެއެވެ.
މި އަހަރުގެ އެކްސްޕޯގެ ޝިއާރަކީ ”ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު“ އެވެ.
މި ޝިއާރުގެ ދަށުން އީޖާދީކަމަށް ނުވަތަ އިނޮވޭޝަނަށް އިސްކަންދީފައިވާ ކަމަށް އެމްއެމްއޭން ބުންޏެވެ.
މި އެކްސްޕޯއަކީ މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތައް އެއްވެސް ހުރަހެއް ނެތި އޮޅުންފިލުވާލުމަށް ލިބޭނެ ތަފާތު ފުރުސަތެކެވެ. ޑިޖިޓަލް ވޮލެޓް، ވިޔަފާރި ފައިނޭންސިން، އިންވެސްޓްމަންޓް ނުވަތަ އިންޝުއަރެންސްގެ ހިދުމަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ދާއިރާތަކުގެ މައުލޫމާތު މި އެކްސްޕޯ އިން ލިބޭނެއެވެ.




