ވޯލްޑް ކަޕްގެ ގަދަ 32 ވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޕޯޗުގަލުން ފަހަތުން އަރައި 2-1 އިން ކްރޮއޭޝިއާ ބަލިކުރި އިރު، ސްޕެއިނުން ވަނީ ފަސޭހަކަމާ އެކު 0-3 އިން އޮސްޓްރިއާ ބަލިކޮށްފައެވެ.
މި މޮޅާއި އެކު ޕޯޗުގަލްއާ ސްޕެއިންވެސް ވަނީ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު އިވާން ޕެރިސިޗް ވަނީ ކްރޮއޭޝިއާއަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗެއްގައި ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ.
ޕޯޗުގަލް މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންސާލޯ ރާމޯސް އެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކްރޮއޭޝިއާ އިން ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމައި ކެންސަލްކޮށްފައެވެ.
ލޮސް އެންޖެލްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްޕެއިނުން ވަނީ އޮސްޓްރިއާގެ މައްޗަށް ފުރިހަމަ ކޮންޓްރޯލެއް ހޯދާފަ އެވެ. މެޗުގެ 36 ވަނަ މިނެޓްގައި މިކޭލް އޮޔާޒަބާލް ސްޕެއިނަށް ލީޑު ނަގައިދިންއިރު، ދެވަނަ ހާފުގެ 66 ވަނަ މިނެޓްގައި ޕެޑްރޯ ޕޯރޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސްޕެއިންގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ޖެހި އޮޔާޒަބާލް އެވެ.
މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ސްޕެއިނުން ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު ގަދަ 16 ގެ ބުރުގައި ސްޕެއިން ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.




