ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ ”ހޯޕް އައިލެންޑް“އަކީ މި މުޖުތަމައުގައި އުޅޭ ކުށްކުރާ ކުދިންގެ އަދަދު މަދުކުރުމަށް އޮތް ޒަމާނީ އެއް ހައްލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ ”ޕަލްސް“ ޕޮޑްކާސްޓު ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ އެކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން އެކަމުން ސަލާމަތްކޮށް، އެ ކުދިންނަކީ މުޖުތަމައުއަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅޭ ކުދިންތަކެއްގައި ކަމުގައި ހެދުން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހާއްސަކުރި އެ އެޕިސޯޑްގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ތެރެއަށް މީހުން ވަންނަ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އަދި އެކަން ބޮޑަށް ގުޅިފައިވަނީ އިޖުތިމާއީ އެކި މައްސަލަތަކާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ އެ މައްސަލައިގެ އަސްލު ސަބަބު ހޯދައި، އެ ކަންކަން އިސްލާހުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ގޯތިގެދޮރުގެ މައްސަލަ އާއި ސަރުކާރުތަކުން ތަރައްގީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީ ވެސް އެކަމުގެ ފަހަތުގައިވާ ސަބަބުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”މިސާލަކަށް ގޯތިގެދޮރުގެ މައްސަލަ. މުޅި ރާއްޖޭގެ ތަރައްގީ ހާސިލްކުރުމަށްޓަކައި މިދިޔަ ސަރުކާރުތަކުން މިއަދާ ހަމައަށް ގެންގުޅެފައިވާ ސިޔާސަތުގެ ވެސް މައްސަލަ އެބައުޅޭ. މިސާލަކަށް ބަލަމާ ހިނގާ ހިޔާ ފްލެޓް ސަރަހައްދު އިނގޭތޯ. ހިޔާ ފްލެޓް ސަރަހައްދުގައި ވަރަށް ގިނަ ތި ވިދާޅުވި ކަހަލަ ކުށްކުރާ ކުދިން ނޫނިއްޔާ ކުށް ކުރުމަށް ވަލްނަރަބަލް، އެކަން ކުރަން ފަށާފާނެ ކުދިން،“ ރައީސް ވިދާޅުވިއެވެ.



