ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކޮށް، ދިވެހި ފުޓުބޯޅަ އޭގެ އަސްލު މަގާމަށް ގެންދިއުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުހިންމު ނިންމުމެއް ނިންމައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ފުޓުބޯޅައިގެ ހިންގުން ލާމަރުކަޒީކޮށް، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމްކުރުމަށެވެ.
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް އުފައްދަން ނިންމާފައިވާ ހަތަރު ރީޖަނަލް އެސޯސިއޭޝަނަކީ: ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަލް ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންއަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަނެވެ. މި އެސޯސިއޭޝަންތަކާއެކު، އެ ސަރަހައްދެއްގެ ލީގުތަކާއި މުބާރާތްތައް ރާވާ ހިންގުމުގެ ފުރިހަމަ ޒިންމާ ނަގާނީ އެ ސަރަހައްދެއްގެ އެސޯސިއޭޝަނުންނެވެ.
މި ބަދަލާއެކު އެފްއޭއެމްގެ ދައުރު ގައުމީ ފެޑެރޭޝަނަކަށް ބަދަލުވެގެންދާނެއެވެ. އެފްއޭއެމްގެ މައިގަނޑު ޒިންމާއަކަށް ދެން ވާނީ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމާއި، ޖުމްލަކޮށް ރާއްޖޭގެ ފުޓްބޯޅައިގެ ސިޔާސަތުތައް ކަނޑައަޅައި މުހިންމު ނިންމުންތައް ނިންމުމެވެ. މިހާރުވެސް އެފްއޭއެމް އިން އަންނަނީ ސަރަހައްދީ ލީގުތައް ބާއްވައި، އެ މުބާރާތްތަކުން ހޮވޭ ޓީމުތަކަށް މައި ލީގުން ފުރުސަތު ދެމުންނެވެ.
މި ބައްދަލުވުމުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ 2025/2026 ވަނަ ސީޒަނުގެ ފުޓުބޯޅަ ކަލަންޑަރު ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ފޯވާޑްސް ޕްރޮޖެކްޓްގެ ދަށުން ފުޓުބޯޅަ ދަނޑު އެޅުމަށް ހާއްސަކޮށްފައިވާ ބިމެއްގައި ހަދާފައިވާ ގުދަނަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެ ބިން ހުސްކުރުމަށް އެ ކުންފުނިން އިއުތިރާޒް ކުރާތީ، އެ ބިން ހޯދުމަށް ގާނޫނީ ގޮތުން އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ.




