އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު މާލޭގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ޒުވާން ޚަތީބުންނަށް މިހާރު ވަނީ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ސުންގަޑި ހަމަވާނީ މި މަހުގެ 15 ގެ މެންދުރު ފަހު 2:00 އަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ މި ލިންކް forms.gle/JVt2q2sodvfGZZLj9 މެދުވެރިކޮށެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އޮތީ މިހާރުވެސް އިމާމުކަމާއި ޚަތީބުކަން ކުރަމުން އަންނަ، އުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނަށެވެ. މީގެ އިތުރުން، ޒުވާން ޚަތީބުންގެ ޓްރޭނިން ނިންމައި ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކާއި، ފާއިތުވި ދެ ރޯދަ މަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށްވެސް މި ފުރުސަތު އޮންނާނެއެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ 2024 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް ހަތަރު ބުރެއްގެ މަތިން ޖުމްލަ 621 ޒުވާން ޚަތީބުން ވަނީ ތަމްރީނުކޮށްފައެވެ. އަދި މި މަހުގެ ތެރޭގައި މި ޕްރޮގްރާމްގެ ފަސްވަނަ ބުރު ފެށުމަށްވެސް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.
މި ޕްރޮގްރާމަކީ ހާއްސަކޮށް ގްރޭޑް 10، 11 އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.




