ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިދިޔަ މަހު 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވުމަށް ފަށާފައިވާ ޚިދުމަތެކެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއިން 4 އެއަރލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7 ގައުމަކަށް 335 އަށްވުރެ ގިނަ ޓަނުގެ މުދާ ވަނީ ފޮނުވާފައެވެ. މިއީ ކޮންޓެއިނަރުތަކުގެ އަދަދުން ބަލާނަމަ 65 ޓީއީޔޫސް (TEUs) އެވެ.
މި ޚިދުމަތުގެ ދަށުން މުދާ އުފުލާފައިވާ އެއާލައިންތަކުގެ ތެރޭގައި ޤަތަރު އެއަރވޭސް، ޓާކިޝް އެއަރލައިންސް، ސަޢުދިއާ އަދި އެމިރޭޓްސް ހިމެނެއެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މޭ މަހާ އަޅާބަލާއިރު 102 އިންސައްތައިގެ ކުރިއެރުމެކެވެ. މޭ މަހު މި ޚިދުމަތް މެދުވެރިކޮށް ފޮނުވާފައިވަނީ 162 ޓަނުގެ މުދަލެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޕީއެލް ގުޅިގެން ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި އެ ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ރާއްޖެއަށް ބޮޑުކަމަށް ސަރުކާރުން ވިދާޅުވެއެވެ.




