ރަނގަޅު ސިއްހަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުމުގެ އިތުރުން، އިޤްތިޞާދީ ފާގަތިކަމުގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު އޮތް ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026 (އައި.ޖޭ.ސީ.އެޗް.ޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިހިނގާ ޖުލައި މަހުގެ 7 އިން 9 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ކޮންފަރެންސްގެ ޝިޢާރަކީ ”އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިންގ ދަ ފިއުޗަރ އޮފް ހެލްތްކެއަރ ފޯރ ސަސްޓެއިނަބަލް އިމްޕެކްޓް“ އެވެ.
މި ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނާއި، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންގެ އިތުރުން ބައިނަލްއަޤްވާމީ މެހެމާނުންނާ މުޚާޠަބުކުރައްވައި، ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް، މަރުޙަބާ ވިދާޅުވެފައެވެ. އަދި އެބޭފުޅުންގެ ބައިވެރިވުމުން ރަމްޒުކޮށްދެނީ ޢިލްމާއި، ގުޅިގެން މަސައްކަތްކުރުމާއި އީޖާދީ ގޮތްތަކުގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޮތް ގުޅިފައިވާ ޢަޒުމްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ޚިދުމަތުގެ އަސާސަކީ އިންސާނުންކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޤައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިޤްތިޞާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަންހުރި މިންވަރީ، އެ ޤައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރެއްގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.




