މި އަހަރުގެ ވޯލްޑް ކަޕަކީ ބޮޑެތި ޓީމުތަކަށް ކުރިހޯދަން އުނދަގޫ، ހުރިހާ ޓީމުތަކެއްގެ ފެންވަރުވެސް ދާދި އެއްވަރެއްގައި ފެންނަ މުބާރާތެއް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މުބާރާތުގައި ވަކި ފޭވަރިޓެއް ނެތް އިރު، ވަރުގަދަ ޓީމުތަކުގެ ކުޅުން ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުޅުންތެރިންގެ ވަރުބަލިކަމާއި މުބާރާތް ބާއްވާ ހާލަތްތައް ތަފާތުވުން ކަމަށެވެ.
މި މުބާރާތުގެ ނަތީޖާތަކަށް ބަލާއިރު، ފްރާންސާއި ސްޕެއިން ފަދަ ޓީމުތަކުން އުނދަގުލުން މޮޅުވި އިރު، ބްރެޒިލާއި ޖަރުމަނު ވަނީ މުބާރާތުން ކަޓާފައެވެ. ސްކަލޯނީ ބުނި ގޮތުގައި ދަތުރުފަތުރުގެ ދަތިތަކާއި، ފިނިހޫނުމިނުގެ އިތުރުން ދަނޑުތަކުގެ ހާލަތުގެ ސަބަބުން ކުޅުންތެރިންގެ ހުނަރު ދެއްކުމަށް ހުރަސްތަކެއް އެބަހުއްޓެވެ.
އާޖެންޓީނާގެ ކުޅުމާ މެދު ހިތްހަމަޖެހުން ފާޅުކުރަމުން ސްކަލޯނީ ބުނީ، މެޗުތަކުގައި ދިމާވާ އުނދަގޫ ހާލަތްތަކުގައިވެސް މޮޅުވާނެ ގޮތެއް ހޯދުމަކީ އާޖެންޓީނާގެ ކުޅުންތެރިންގެ ކިބައިގައި ހުރި ހާއްސަ ސިފައެއް ކަމަށެވެ. އަދި ނޮކްއައުޓް ބުރުގައި ކާބޯ ވާޑޭ އަތުން މޮޅުވީ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރިއެވެ.
ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް އާޖެންޓީނާއިން މިރޭ ރާއްޖެ ގަޑިން 9:00 ގައި ނުކުންނާނީ މިސްރާ ދެކޮޅަށެވެ.



