ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި ދެ އޮޕަރޭޝަންގެ ތެެރެއިން މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، ހދ. ކުޅުދުއްފުށި / ކަގި، ފާޠިމަތު ޢަލީ (32އ) އެވެ.
އެ މީހުން ހައްޔަރުކޮށް، އެ މީހުންތިބި ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތީގެ ބޭނުންކުރާކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އިބްރާހީމް 10 ދުވަހަށް އަދި ފާޠިމަތު ޢަލީ ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުއްފުށި / އެނީޒާ، އާދަމް މުޙައްމަދު (42އ) އާއި، ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (33އ) އެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމެވެ
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




