ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި އާޖެންޓީނާ އާއި ކާބޯ ވާޑޭ ބައްދަލުކުރި މެޗުގައި، އެމެރިކާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރ ”އައިޝޯސްޕީޑް” އަށް އަމާޒުވި ނަސްލީ ތަފާތުކުރުމުގެ މައްސަލައެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ތަހުގީގުކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އާޖެންޓީނާ 3-2 ގެ ނަތީޖާއަކުން މޮޅުވި ފޯރިގަދަ މެޗުގެ ތެރޭގައެވެ.
ޔޫޓިއުބުގައި 57 މިލިޔަން ސަބްސްކްރައިބަރުން އަދި ޓިކްޓޮކުގައި 53 މިލިޔަން ފޮލޯވަރުން ތިބި އައިޝޯސްޕީޑް އަންނަނީ މި މުބާރާތުގެ މެޗުތައް ލައިވްސްޓްރީމް ކުރަމުންނެވެ. އޭނާގެ ބައެއް ލައިވްތަކުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ބާސެލޯނާ އަދި އޭސީ މިލާންގެ ކުރީގެ ތަރި ޒްލަޓާން އިބްރަހިމޮވިޗުވެސް ބައިވެރިވެފައިވެއެވެ. މި ހާދިސާ ހިނގީ މި މަހުގެ ތިންވަނަ ދުވަހު އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ތެރޭގައެވެ.
އަސްލު ނަމުން ނަމަ ޑެރަން ޖޭސަން ވަޓްކިންސް ޖޫނިއަރ (އައިޝޯސްޕީޑް) ކަބޯ ވާޑޭގެ ޖާޒީގައި ހުއްޓާ، އާޖެންޓީނާގެ ސަޕޯޓަރަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ މަންޒަރުތައް އޭނާގެ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަން އެބަހުއްޓެވެ. ފީފާއިން ހާމަކުރި ގޮތުގައި މި މައްސަލައިގެ މައުލޫމާތު ލިބުމާއެކު، ވަގުތުން ތަހުގީގުކުރަން ވަނީ ފަށާފައެވެ.
ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ”ފީފާ ވޯލްޑް ކަޕަކީ އެކުވެރިކަމާއި، ތަފާތު ސަގާފަތްތަކަށް އިހުތިރާމުކުރުމުގެ ރޫހު އާލާކުރާ މުބާރާތެއް“ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނާއި ސަގާފަތްތައް ބައްދަލުކުރާ މިފަދަ ހަރަކާތެއްގެ ތެރެއިން، މި އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ފުޓްބޯޅައިގެ ތެރޭގައި ޖާގައެއް ނެތް ކަމަށް ވެސް ބަޔާނުގައިވެއެވެ.
އައިޝޯސްޕީޑަށް ކުރިމަތިވި މި ހާދިސާ ހިނގާފައި މިވަނީ، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ނަސްލަށް ފުރައްސާރަކޮށް ވާހަކަދެއްކި ޕެރަގުއޭގެ ސެނެޓަރަކަށް، އޭނާ ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ. ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީއަށް ނިސްބަތްވާ ސެލެސްޓޭ އަމަރީޔާ، އެމްބާޕޭއާ ބެހޭގޮތުން ނަސްލީ ގޮތުން ދަށު ދަރަޖައިގެ އިބާރާތްތަކެއް ބޭނުންކޮށްފައިވަނީ، ވޯލްޑް ކަޕުގެ ގަދަ 16 ގައި ފްރާންސް އަތުން ޕެރަގުއޭ ބަލިވި މެޗަށް ފަހުއެވެ.
އެމްބާޕޭ ވަނީ އެ ސެނެޓަރަކީ އެފަދަ މަގާމަކަށް ކުފޫ ހަމަނުވާ މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި މައްސަލައިގައި ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަމަރީޔާގެ ވާހަކަތަކަކީ ދުވަހަކުވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ބުނެ، އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރާނެކަން އިއުލާންކޮށްފައެވެ.




