ރިޝްވަތުގެ ގޮތުގައި 2.2 ބިލިއަން ޔުއާން (325 މިލިއަން ޑޮލަރު) ނެގި އޮފިޝަލަކު މަރަން ޗައިނާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ކޯޓުގެ ހުކުމްގައި ބުނެފައިވަނީ، އޭނާ އެ ގައުމުގެ ސަރުކާރަށް ހިދުމަތްކުރި 30 އަހަރު ދުވަހު ރިޝްވަތުގެ ގޮތުގައި އެކިގޮތްގޮތުން މީހުންގެ އަތުން ފައިސާ ނަގާފައިވާ ކަމަށެވެ.
ޔޭންގް ޔޫލިން ނަމަކަށް ކިޔާ އެމީހާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޗައިނާގެ ނޭންޖިންގް ސިޓީގައި ސަރުކާރުގެ އޮފިޝަލެއްގެ ގޮތުގައި އެކި މަގާމުތައް އަދާކޮށްފައެވެ.
އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ އިތުރުން ދައުލަތުގެ ލިޔުންތައް އޮޅުވާލުމާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑަރިންގްގެ ދައުވާތައްވެސް ސާބިތުވެފައެވެ.
އުމުރުން 69 އަހަރުގެ ޔޭންގް ވަނީ އެކި މީހުންގެ އަތުން ގިނަ އަދަދަކަށް ފައިސާއާއި އެހެނިހެން އަގުހުރި މުދާތައް ހޯދައި، ބަދަލެއްގެ ގޮތުގައި އެމީހުންނަށް އިންޖިނިއަރިންގް ކޮންޓްރެކްޓާއި ބިން ބަދަލު ކުރުމުގެ ބޮޑެތި ކޮރަޕްޝަންތައް ހިންގާފައެވެ.
ޔޭންގްގެ ތަހުގީގު ހިންގާފައިވަނީ ޗައިނާގެ ރައީސް ޝީ ޗިންޕިންގްގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދިޔަ އެންޓި-ކޮރަޕްޝަންގެ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.



