އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސީއޭ މޯލްޑިވްސްއާ ދެމެދު، އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށާއި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެލައިޑުން ބުނިގޮތުގައި، މި ބައިވެރިވުމުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ އެކައުންޓިންގ އަދި މާލީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ފަންނީ ތަރައްގީއަށާއި، މައުލޫމާތު ބަދަލުކުރުމަށާއި، ދިރާސާކުރުމުގެ އިތުރުން އަހުލާގީ މިންގަނޑުތަކަށް ފެތޭ އެކައުންޓިންގ އުސޫލުތަކާއި މާލީ ދެފުށް ފެންނަގޮތް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން، އެލައިޑް އިންޝުއަރެންސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތުހަމަވާ މުވައްޒަފުން މި ފަންނީ އިދާރާގެ މެންބަރުންނަށް ވުމަށް ހިތްވަރުދީ، ސީއޭ މޯލްޑިވްސް ކުރިއެރުވުމަށް އެލައިޑުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން، ދެ މުއައްސަސާ ގުޅިގެން ގާބިލުކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމަށާއި، މާހިރުންގެ ތަޖުރިބާ ބަދަލުކުރުމަށާއި، ދިވެހި މާކެޓާ ގުޅޭ ދިރާސާ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހުމުނާމާގެ ދަށުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ހާއްސަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި، ލައިސަންސް ހޯދުމަށް ބޭނުންވާ ”ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް“ (Professional Indemnity Takaful) ކަވަރޭޖް ހޯދުމުގައި ހާއްސަ ހެޔޮ އަގުތަކެއް (preferential contribution rates) ލިބުމާއި ލިޔެކިޔުންތައް ހުށަހެޅުން ލުއިފަސޭހަވެގެންދިއުން ހިމެނެއެވެ. އަދި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށާއި ދާއިމީ މުވައްޒަފުންނަށް، ޕޮލިސީގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ”ގްރޫޕް ހެލްތު ތަކާފުލް“ (Group Health Takaful) އަދި ”ގްރޫޕް ޓާމް ލައިފް ތަކާފުލް“ (Group Term Life Takaful) ކަވަރޭޖް ވެސް ހާއްސަ އިނާޔަތްތަކަކާއެކު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
މި ބައިވެރިވުމުން ރަންގަޅަށް ދޭހަކޮށްދެނީ، ފަންނީ މޮޅުކަން (professional excellence) ދެމެހެއްޓުމަށާއި، ދާއިރާގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ރާއްޖޭގައި އިތުރަށް ލަފާކުރެވޭ އަދި ދެފުށް ފެންނަ މާލީ ދާއިރާއެއް ބިނާކުރުމަށް އެލައިޑް އިންޝުއަރެންސް އާއި ސީއޭ މޯލްޑިވްސްއިން ދޭ އަހަންމިއްޔަތުކަން ކަމުގައި ވެސް އެލައިޑުން ބުނެފައިވެއެވެ.



