ޒަމާނީ ފެންވަރަށް މިހާރު ހަދަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސްގެ އަރިހުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މަޝްރޫއު ހިންގަމުންދާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ މަޝްރޫއު ހިނގާ ގޮތް ރައީސް ބައްލަވާލެއްވިއިރު، އިއްޔެ ރޭ ވަނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމައިފަ އެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެމްޓީސީސީން ބުނެފައިވާ ގޮތުގައި މިމަހުގެ 26 ގެ ކުރިން އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި، ހުޅުވާލާނެއެވެ.

ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި އޮފީސްތައް ވެސް ހިންގަމުންދާ އެ ސަރަހައްދުގެ މަގު ކުރިން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެގޮތުން އަޑިގުޑަންތައް ވެސް ގިނަ އެ މަގުގައި ޕާކުކުރުމުގެ ދަތިކަން ވެސް އިންތިހާއަށް އޮތެވެ.
އެހެންވެ، މިހާރު އެ މަގު ތަރައްގީކުރަނީ ތާރު އެޅުމުގެ އިތުރުން ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާ ކުރުމަށްފަހުއެވެ.




