ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މޮރޮކޯ 2-0 އިން ބަލިކޮށް، މުބާރާތުގެ ސެމީފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފްރާންސުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 28 ވަނަ މިނެޓްގައި ލީޑު ނަގަން ފްރާންސަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.
ކިލިއަން އެމްބާޕޭ އަށް މޮރޮކޯގެ ޑިފެންޑަރު މަޒަރާއީ ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ފްރާންސުން ދިޔައީ މޮރޮކޯގެ ގޯލަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފަ އެވެ. މޮރޮކޯގެ އޭރިއާގެ ބޭރުގައި ހުރެ އެމްބާޕޭ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި އަށްވަނަ ގޯލެވެ. ފްރާންސުން ލީޑު ނެގިތާ ހަ މިނެޓް ފަހުން، އޮސްމާނޭ ޑެމްބެލޭ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މި ނަތީޖާއާއެކު މޮރޮކޯ މުބާރާތުން ކެޓިއިރު، މިއީ ވޭތުވެދިޔަ 34 މެޗަށްފަހު އެޓީމު ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.
ސެމީގައި ފްރާންސް ބައްދަލުކުރާނީ ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ ކުއާޓާފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ.



