މިދިޔަ ޖޫން މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ، އަންދާޒާކުރި މިންވަރަށްވުރެ %14.7 އިތުރުވެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމުލަ 2.92 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވެއެވެ.
މީރާއިން ވިދާޅުވި ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.1 އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެއިތުރުން، މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި މިންވަރަށްވުރެ %1.7 އިތުރުވުމަކީ ވެސް އާމްދަނީއަށް އައި ކުރިއެރުމެކެވެ.
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީއާއި، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އިތުރުން ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީ ވެސް އާމްދަނީ އިތުރުވި ސަބަބުތަކެކެވެ. ޖުމުލަ އާމްދަނީގެ %23.4 އަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާ ކަމަށް މީރާއިން ފާހަގަކުރެއެވެ. ބޭންކް އިންކަމް ޓެކްސް އިތުރުވީ ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓް ދައްކާފައިވުމުންނެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން މިދިޔަ މަހު 465 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 286 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިޔަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 72 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން ފޯނު ކޯލުތަކާއި، އެކްޝަން ޕޮލިސީ އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން ވެސް ފައިސާ ހޯދާފައިވާކަމަށް މީރާއިން ވިދާޅުވިއެވެ.
މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އެއީ ޖުމުލަ އާމްދަނީގެ %37.2 ނުވަތަ 1.08 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %27.4 ނުވަތަ 799 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓް ކުލީގެ ގޮތުގައި 411 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 157 މިލިޔަން ރުފިޔާ، އަދި އެއަރޕޯޓް ފީތަކުގެ ގޮތުގައި 269 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 118.60 މިލިޔަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް ވެސް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ.




