ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގައި ރެފްރީ ވަކި ފަރާތަކަށް ޖެހުނު ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ކުރީގެ ފީފާގެ ރެފްރީންގެ ވެރިޔާ ޕިއެރްލުއީޖީ ކޮލީނާ، ދޮގުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ފީފާގެ ވެބްސައިޓުގައި ޝާއިއުކުރި އިންޓަވިއުއެއްގައި ކޮލީނާ ބުނީ، މެޗުގެ އޮފިޝަލުން މަސައްކަތް ކުރީ މުޅިން މިނިވަންކަމާ އެކުގައި ކަމަށެވެ.
ކޮލީނާ ފާހަގަކުރި ގޮތުގައި ރެފްރީންނަށް ފާޑުކިޔުމަކީ ފުޓްބޯޅައިގެ ބައެކެވެ. ނަމަވެސް، މެޗުން ބަލިވުމާ ގުޅިގެން ފްރާންސްގެ ރެފްރީ ފްރަންސުވާ ލެތެކްސިއޭގެ އިންސާފުވެރިކަމާ މެދު މިސްރުން ސުވާލު އުފެއްދުމުން އޭނާ އެކަން ކުށްވެރިކުރިއެވެ. ”ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅޭއިރު، ބައެއް ކަންކަން ހީކުރާ ގޮތަށް ނުދިއުމަކީ އާދައިގެ ކަމެއް،“ ކޮލީނާ ބުންޏެވެ.
ރެފްރީންގެ ދިފާއުގައި ވާހަކަދައްކަމުން ކޮލީނާ ބުނީ، ނިންމުންތަކާ މެދު ބިނާކުރަނިވި ގޮތެއްގައި ބަހުސްކުރުމަކީ އޮންނަންޖެހޭ ކަމެއް ނަމަވެސް، އަސާސެއް ނެތް ތުހުމަތުތަކަށް ކުޅިވަރުގައި ޖާގައެއް ނެތް ކަމަށެވެ. އަދި މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނާއި އެމީހުންގެ އާއިލާތަކަށް ނުރައްކަލާއި އިންޒާރުތައް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރިއެވެ.
ކޮލީނާ އިތުރަށް ބުނީ، ފީފާ ވޯލްޑް ކަޕްގެ މެޗު އޮފިޝަލުންގެ އިންސާފުވެރިކަމާ މެދު އެކަކަށް ވެސް ސުވާލު ނުއުފެއްދޭނެ ކަމަށެވެ.
”ފީފާގެ ރެފްރީންގެ ނިންމުންތަކަށް އެއްވެސް މީހަކަށް ނުފޫޒު ފޯރުވޭނެ ކަމަކަށް ވެސް ނުބުނެވޭނެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ވެސް އެ ނުފޫޒެއް ނުފޯރުވޭނެ،“ ކޮލީނާ ވިދާޅުވިއެވެ.
ރެފްރީން އަބަދުވެސް މަސައްކަތް ކުރަނީ ކުޅުންތެރިންނާއި ކޯޗުން ފަދައިން އެންމެ އިހުލާސްތެރިކަމާއެކު ކަމަށްވެސް އޭނާ ބުންޏެވެ.
މި މައްސަލަ ހޫނުވީ މެޗުގެ ފަހު ވަގުތު މިސްރު 2-0 އިން ކުރީގައި އޮއްވާ، އާޖެންޓީނާއިން ފަހަތުން އަރައި މެޗު ކާމިޔާބު ކުރުމާ ގުޅިގެންނެވެ. އާޖެންޓީނާ މޮޅުވި ލަނޑު އެންޒޯ ފެނާންޑޭޒް ޖެހި މަރުހަލާގައި، މުހައްމަދު ސަލާހަށް ކުރި ޗެލެންޖަކީ ފައުލެއް ކަމަށް މިސްރުން ދައުވާ ކުރެއެވެ. އަދި އެކަން ވީއޭއާރް އިން ނުބެލި މައްސަލައިގައި މިސްރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިސްރު އެފްއޭގެ ރައީސް ހާނީ އަބޫ ރީދާ ވަނީ މިދިޔަ ބުދަ ދުވަހު މި މައްސަލަ ރަސްމީކޮށް ފީފާ އަށް ހުށަހަޅާފައެވެ. މިސްރު މި މެޗުން ބަލިވުމާ އެކު އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.




