މިއަހަރުވެސް ޤައުމީ ފެންވަރުގައި ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އުތީމުގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، މިއަހަރުގެ ޤައުމީ ދުވަސް ދިމާވަނީ އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހަށެވެ.
މި ހަރަކާތްތަކާ ގުޅޭގޮތުން އުތީމު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރު އެންމެ ބޮޑު އިސްކަމެއްދެނީ މިދިޔަ އަހަރު ފަށާފައިވާ ތަރިކައިގެ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ. މީގެ ތެރޭގައި ބޮޑުތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރުމުގެ އިތުރުން ”ވާހަކަވައު“ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޤައުމީ ދުވަހުގެ ކަންކަން ވިލަރެސް ކުރުމަށް މިހާރު ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވަމުން ކައުންސިލް ރައީސް ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް މިދިޔަ އަހަރަށްވުރެ ކުލަގަދަކޮށް ފުރިހަމައަށް ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރަށުގެ ރައްޔިތުންނާއި، ޤައުމީ ޓާސްކުފޯސްއާއި މިނިސްޓްރީ އޮފް ހެރިޓޭޖުގެ އެހީތެރިކަމާއެކު ދެ ފަރާތުން ގުޅިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރާ ކަމަށެވެ.
ޤައުމީ ފެންވަރުގައި ޖެހިޖެހިގެން ދެ އަހަރު ދުވަހު އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ނިންމެވި ނިންމެވުމަކީ ތާރީޚީ ނިންމެވުމެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ. މި މުނާސަބަތަށް ތައްޔާރުވުމުގެ ގޮތުން އުތީމުގެ އިތުރުން ބާރަށް އަދި ތަކަންދޫގައި ހުރި ޣާޒީ ރަދުންގެ އާސާރުތައް އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްބޭފުޅުން ވަނީ މި ރަށްތަކަށް ޒިޔާރަތް ކުރައްވައި މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
އުތީމަކީ ތާރީޚީ ގޮތުން ޤައުމީ ދުވަހާ ފުން ގުޅުމެއް އޮތް ރަށެކެވެ. އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރީ 1951 ވަނަ އަހަރު، އަލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ.
އޭގެ ފަހުން 1980 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ވަނީ ވަރަށް ކުލަގަދަކޮށް މި ދުވަސް އެ ރަށުގައި ފާހަގަކޮށްފައެވެ.




