އާންމު ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް މީގެ ކުރިން ދުވަހަކު ވެސް ފަހިނުވާހާ ފަސޭހަ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވަނީ ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން އެމްޑީޕީން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ.
އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް 15.42 ރުފިޔާގެ ރޭޓުން 1،000 ޑޮލަރު ލިބެން ހުރިއިރު، ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ މީހުންނަށާއި ކިޔަވާ ކުދިންނަށް ވެސް ދަތިކަމެއްނެތި ބޭންކުތަކުން ޑޮލަރު ދޫކުރެއެވެ. ހަމައެހެންމެ، ބޭރަށް ދަތުރުކުރާ އާންމުންނަށް ބޭންކު ކާޑުތައް ބޭނުންކޮށްގެން 3،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ މަގު ވެސް ވަނީ ފަހިކޮށްދީފައެވެ.
ވިޔަފާރިވެރިންނަށް ލިބޭ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވަމުން، އިމްޕޯޓުކުރާ މުދަލުގެ ޝިޕްމެންޓްތަކުގެ 20 އިންސައްތައަށް ބޭންކުތަކުން ޑޮލަރު ހަމަޖައްސައިދެމުންދާތީ، ވިޔަފާރިވެރިންނަށް ޖުމްލަ ގޮތެއްގައި ޑޮލަރެއް ގަންނަން ޖެހެނީ 18 ވަރަކަށް ރުފިޔާއަށްކަން ފަލާހު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު ޑޮލަރުގެ އަގަށް އައިސްފައިވާ ބަދަލުގެ މައިގަނޑު ސަބަބަކީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިގުތިސާދީ ހަމަތަކާ ހިލާފަށް އަށް ބިލިއަން ރުފިޔާ ޗާޕުކުރުން ކަމަށެވެ.



