ދުނިޔޭގެ މިއުޒިކް އިންޑަސްޓްރީގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ ކަންޓްރީ ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ.
އޭނާގެ ތަރުޖަމާނު މާސެލް ޕެރިސޯ ނެރުނު ބަޔާނުގައި ވާގޮތުން، ޕާޓަން މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އެމެރިކާގެ ނޭޝްވިލްގައި ހުންނަ ވެންޑަބިލްޓް-އިންގްރާމް ކެންސާ ސެންޓަރުގައެވެ.
އޭނާ މަރުވި ވަގުތު އާއިލާގެ ގާތް މީހުން އަރިހުގައި ހާޒިރުވެ ތިބި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ޓެނެސީގެ ފަގީރު އާއިލާއަކަށް އުފަންވި ޕާޓަން، އޭނާގެ ކާފަ މަސައްކަތްކުރި ފައްޅިން މިއުޒިކީ ދަތުރު ފަށައި، އުމުރުން 10 އަހަރުގައި ގިޓާ ކުޅެން ދަސްކުރިއެވެ. އޭނާ ވަނީ ”ޖޮލީން“، ”ކޯޓް އޮފް މެނީ ކަލާސް“ އަދި ފަހުން ވިޓްނީ ހިއުސްޓަން ކިޔައިގެން ބޮޑު މަޝްހޫރުކަމެއް ހޯދި ”އައި ވިލް އޯލްވޭސް ލަވް ޔޫ“ ފަދަ އެތައް ސަތޭކަ މަޝްހޫރު ލަވަތަކެއް އުފައްދާފައެވެ.
ޕާޓަންގެ ލަވަތަކުގެ 100 މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކި، އޮންލައިންކޮށް އެއް ބިލިއަނަށް ވުރެ ގިނަ ފަހަރު ސްޓްރީމްކުރެވިފައިވާއިރު، އޭނާ ވަނީ 55 ގްރެމީ އެވޯޑަށް ނޮމިނޭޓްވެ، 10 ގްރެމީ އެވޯޑް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ”9 ޓު 5“ ފަދަ ފިލްމުތަކުގައި އެކްޓުކޮށް، ފިލްމީ ދާއިރާގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.
ފަންނުވެރިކަމުގެ އިތުރުން ޑޮލީ ޕާޓަން ފާހަގަކުރެވިފައިވަނީ ދީލަތި އެހީތެރިއެއްގެ ގޮތުގައެވެ. އެގޮތުން ކުޑަކުދިންނަށް ހިލޭ ފޮތް ފޯރުކޮށްދިނުމަށް ”އިމޭޖިނޭޝަން ލައިބްރަރީ“ ގެ ނަމުގައި ޖަމިއްޔާއެއް ހިންގުމުގެ އިތުރުން، ޓެނެސީގައި ”ޑޮލީވުޑް“ ތީމް ޕާކު ހުޅުވައި އެ ސަރަހައްދުގެ ވިޔަފާރިއާއި އިޖުތިމާއީ ތަރައްގީއަށް ބޮޑެތި އެހީތަކެއް ވެދީފައިވެއެވެ.



