ފީފާއިން އަލަށް ތައާރަފްކުރާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު އަޒަރުބައިޖާންގައި ”ފެސްޓިވަލެއްގެ“ ސިފައިގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތަކީ، ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ފީފާގެ ހުރިހާ މެމްބަރު ގައުމުތަކުގެ ޝާމިލުވުން ހިމެނޭ ގޮތަށް ކަންކަން ކުރިއަށްދިއުމެވެ.
މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ފާސްކުރި ގޮތުގައި، މި މުބާރާތް ދެ ޖިންސަށް ވަކިން ބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މި އަހަރުގެ މުބާރާތް ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްސަކޮށްފައިވާއިރު، އަންހެން ކުދިންނަށް ޚާއްސަ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ.
އަދި 2028 ވަނަ އަހަރުން ފެށިގެން ދެ ޖިންސުގެ މުބާރާތްވެސް އެއް އަހަރެއްގައި ބާއްވަން ނިންމާފައިވާއިރު، އެހާ ހިސާބުން މުބާރާތް ކުރިއަށްދާނީ މެމްބަރު ގައުމުތަކަށް ދައުވަތުދޭ އުސޫލުންނެވެ.
މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅައިގެ ވަސީލަތްތައް ގާއިމްވެފައިވާ، ކުޑަކުދިންގެ މުބާރާތެއް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކަށެވެ.
މި އަހަރުގެ މުބާރާތް އޮންނަ އަޒަރުބައިޖާނަކީ އަންނަ އަހަރު ބާއްވާ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްވެސް ހޯސްޓްކުރާ ގައުމަށްވާތީ، އެގައުމު މިހާރުވެސް އޮތީ ފީފާގެ މުބާރާތެއް ބޭއްވޭނެ ފެންވަރަށް ތައްޔާރުވެފައެވެ.




