ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 22 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ.
ބޯޓޭ ކޯޝީ ކޯރު ބަންޑުންވެ ހިނގި މި ހާދިސާގައި އެ ސަރަހައްދުގެ މުހިންމު މަގުތަކާއި، ބްރިޖްތަކުގެ އިތުރުން ކަރަންޓު މަޝްރޫއުތައް ހިންގާ ތަންތަނަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، އިންޑިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކަށް ނިސްބަތްވާ 291 ބިދޭސީން ހިމެނޭހެން ޖުމްލަ 384 ފަތުރުވެރިން ހިމެނޭ ކަމަށް ކަމާބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ގާތްގަނޑަކަށް ފަންސާސް ހާސް މީހުންގެ އާބާދީއެއް އޮންނަ ރަސޫވާ ޑިސްޓްރިކްޓްގެ ސިޔާޕްރޫ ބެސީ އާއި ޓިމޫރޭ ފަދަ އަވަށްތަކުގައި ފެންބޮޑުވެފައިވާ މިންވަރުން، މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ހެލިކޮޕްޓަރުތައް ޖެއްސުމަށް ވެސް ވަނީ ނުހަނު ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައެވެ.
ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުދަލާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ކޯރުގެ އައްސޭރީގައި ތިބި ރައްޔިތުން ރައްކާތެރި އުސް ބިންތަކަށް ދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.



