މިހާރު ކުރިއަށްދާ ވޯލްޑްގެ ފޯރިއާ ގުޅިގެން ބަންގްލަދޭޝްގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގައި، 12 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
މި ހަމަނުޖެހުންތަކުގައި އެކަކު އަނެކަކަށް ތޫނު އެއްޗެހިން ހަމަލާދީ، އެކްސިޑެންޓުތައް ހިންގުމުގެ އިތުރުން ބައެއް މީހުންވަނީ އެކަކު އަނެކަކު ކަރަންޓުގައި ވެސް ޖައްސާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން މިފަދައިން ހިނގި ހަމަނުޖެހުމެއްގައި އެންމެ ފަހުން މަރާލި މީހެއްކަމަށް ރިޕޯޓު ކޮށްފައިވަނީ، އުމުރުން 38 އަހަރުގެ މުހަައްމަދު ޝަރީފުލް އިސްލާމް ނަމަކަށް ކިޔުނު މީހެކެވެ. އޭނާއާ ޒުވާން ގްރޫޕަކާ ދެމެދު މައްސަލަ ޖެހުނީ މި މަހުގެ 7 ވަމަ ދުވަހުގެ ރޭ އާޖެންޓީނާއާއި މިސްރާ ދެމެދު ކުޅުނު މެޗު ބެލުމަށް ފަހުގައެވެ.
ރިކްޝާ ދުއްވާ މީހެއްކަމަށްވާ ޝަރީފުލް އަކީ އުއްތަރު ޝެރާންގާ އަވަށުގެ މީހެކެވެ. ނަމަވެސް އޭނާ އާމްދަނީ ހޯދަން މަސައްކަތް ކުރުމަށް ފަހުން ވަނީ ކުމިއްލާ އަވަށަށް މީގެ އަށް މަސް ކުރިން ބަދަލުވެފައެވެ.
ތަހުގީގުން ބުނާ ގޮތުގައި ޝަރީފުލްއާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން ޒުވާނުންތަކެއްގެ ދެމެދު މި ހަމަނުޖެހުން ފެށުނީ، އެރޭގެ މެޗަށްފަހު މެންދަމުގެ ވަގުތެއްގައި، ”މުހްސިން މިއާސް ޝޮޕް“ އޭ ކިޔުނު ތަނެއްގައި ތިބެ މެޗާ ބެހޭގޮތުން ވާހަކަދައްކަން ފެށުމުންނެވެ.
އެ ވާހަކައިގެ ތެރެއިން މައްސަލަ ހޫނުވެ، މާރާމާރީ ހިންގަން ފެށި ކަމަށާއި ޝަރީފުލްއަށް އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޝަރީފުލްގެ މަރާ ގުޅިގެން އޭނާގެ އަންހެނުން ބިއުޓީ ބޭގަމް ވަނީ، ފުޓުބޯޅަ މެޗަކާހެދި މީހަކު މަރަން ހެޔޮވާނެތޯ ސުވާލުކޮށްފައެވެ.
”އަހަރެންގެ ދެ އަންހެން ދަރިން އެބަތިބި. އެކުދިން ދެން ބައްޕާއޭ ކިޔާފަ ގޮވާލާނީ ކާކަށް؟ އަހަރެންގެ ފިރިމީހާގެ ގާތިލުންނަށް ހަރުކަށި އަދަބު ދިނުން އެދެން“ ބިއުޓީ ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ފުލުހުން ބުނެފައިވަނީ، ވޯލްޑްކަޕްއާ ގުޅިގެން އުފެދިފައި މިވާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން މިހާރަށްވުރެ ބޮޑަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.



