އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާގެ ގައުމީ ޓީމަށް ކުޅުނު އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޭޕްޓައުންގެ ޝޮޓްސްޝެކްލޫފް ސަރަހައްދުގެ ގެއެއްގެ ތެރެއިންނެވެ. މި މަރުގެ މައްސަލަ ކޭޕްޓައުންގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އެޑަމްސް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ކުޅުނު މުހިންމު ކުޅުންތެރިއެކެވެ.
ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓަރު ގޭޓަން މެކެންޒީ ވަނީ މި ހަބަރާއެކު ލިބުނު ކުއްލި ސިހުން ފާޅުކުރައްވައި، މިއީ އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ޔަގީންނުވާ މައުލޫމާތު ނުފެތުރުމަށާއި އާއިލާއަށް އިހުތިރާމް ކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
2022 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އެޑަމްސް އަކީ 2023 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދިޔަ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ކްލަބް ފުޓްބޯޅަ ކުޅެމުން ދިޔައީ ދެކުނު އެފްރިކާގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ މަމެލޯޑީ ސަންޑައުންސް އަށެވެ.




