ފިއުލް ސަޕްލައި މޯލްޑިވްސް، (އެފްއެސްއެމް) އިން ދޭ ކަނޑުމަތީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ (އޭ.ޓީ.ޖީ) ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއީ، އެފްއެސްއެމްގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދަނީ، އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ހުނިކެ ބާޖުގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތެވެ.
މި ސިސްޓަމް ހަރުކުރަނީ ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު މެދުކެނޑުމެއްނެތި، އިތުބާރާއެކު ސައްހަކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޤްސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މި ސިސްޓަމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި ހަރުދަނާކަން އިތުރުވެ، ތެޔޮ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފުރިހަމަ އަދި އިތުބާރު ހުރި ޚިދުމަތެއް ކަސްޓަމަރުންނަށް ލިބޭނެކަމަށް ވަނީ ބުނެފައެވެ.
މި މަޝްރޫޢަކީ، އެފްއެސްއެމްގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސް އަދި ފަސޭހަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.


