ސްޕެއިނުގެ ޒުވާން ތަރި ލަމީން ޔަމާލްގެ އެންމެ މޮޅު ކުޅުން މި މުބާރާތުގައި މިހާތަނަށް ފެނިފައި ނުވި ނަމަވެސް، ކުރިއަށް އޮތް މުހިއްމު މެޗުގައި އެކަން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވަނީ ޔަމާލްގެ ކުޅުމާ މެދު އޮތް އިތުބާރު ހާމަކޮށްފައެވެ.
ޑެ ލަ ފުއެންޓޭ ބުނި ގޮތުގައި، ޔަމާލްގެ އުފަންދުވަހުގެ އުފާފާޅުކުރުންތަކަށް ވުރެ ބޮޑަށް މިވަގުތު ސަމާލުކަން ދޭންވީ ކުރިއަށް އޮތް މުހިއްމު މެޗަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޔަމާލްގެ އެންމެ މޮޅު ކުޅުން ފްރާންސާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލުގައި ނުވަތަ ފައިނަލް މެޗުގައި ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
”އަހަރެން އޭނާ ގާތު ބުނިން ހާސްވާނެ ކަމެއް ނެތޭ. ޖޯޝާއި ފޯރީގައި މެޗާ ކުރިމަތިލާށޭ. އަހަންނަށް ޔަޤީން ލަމީންގެ އެންމެ ކާމިޔާބު ދުވަސް އަދި އޮތީ ކުރިއަށްކަން،“ ކޯޗު ބުންޏެވެ.
މިދިޔަ އޭޕްރީލް މަހު ލިބުނު އަނިޔާއަކަށްފަހު އަލުން ކުޅުމަށް އެނބުރި އައި ޔަމާލް ވަނީ މި މުބާރާތުގައި މިހާތަނަށް އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ކޯޗު އެދިފައިވަނީ މި މެޗަކީ އުފުލަންޖެހޭ ބުރައެއްގެ ބަދަލުގައި ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުޅުމަށެވެ. އެންމެ ފަހުން ނޭޝަންސް ލީގުގައި ފްރާންސް އަތުން ސްޕެއިން މޮޅުވި ނަމަވެސް، މި ފަހަރުގެ މެޗު ހުރިހާ ގޮތަކުން ތަފާތުވާނެ ކަމަށް ޑެ ލަ ފުއެންޓޭ ފާހަގަކުރިއެވެ.
ފްރާންސް ޓީމުގައި ތިބި ކީލިއަން އެމްބާޕޭ އާއި އޮސްމާނޭ ޑެމްބޭލޭ ފަދަ ނުރައްކާތެރި ކުޅުންތެރިން ހުއްޓުވުމާ ގުޅޭގޮތުން ކޯޗު ބުނީ، އިދިކޮޅު ޓީމު ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެންމެ މުހިންމީ ސްޕެއިނުގެ އަމިއްލަ ކުޅުން ދަނޑުމަތީގައި ދައްކައި، އިދިކޮޅު ޓީމުގެ ބާރު ކަނޑުވާލުމެވެ. އަދި ދެ ޓީމަކީވެސް ވަރުގަދަ ދެ ޓީމު ކަމަށްވުމުން، ވަކި ޓީމަކީ ފޭވަރިޓެއްގެ ގޮތުގައި ބެލުމަކީ މާނައެއް އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ޑެ ލަ ފުއެންޓޭގެ ވާހަކަ ނިންމާލަމުން ކުޅުންތެރިންނަށް ދިން މެސެޖަކީ، ދެވަނަ ފަހަރަށް ނުލިބިދާނެ މިފަދަ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށެވެ.
ސްޕެއިނާއި ފްރާންސް ބައްދަލުކުރާ ފޯރިގަދަ ސެމީ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ މެންދަމު 12:00 ޖަހާއިރުއެވެ.




