މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު އަލުން ހެދުމުގެ މަސައްކަތް ކުރާއިރު، އެ މަޝްރޫއު ނިމުމުން މުޅި މާލެތެރެއިން ޓްރެފިކްގެ ފަސޭހަ އާއި ލުއިކަން ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް 144 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު، މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ވެސް ގެނެސްދޭ ވޮޑްކާސްޓް، ’ޕަލްސް‘ ގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ވަށައިގެން ބޮޑުތަކުރުފާނު މަގު ހަދާ ނިމުމުން، އެއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މުޅި މަޝްރޫއު ނިމުމުން، މާލޭގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި މަގު ހަދާނީ، ދެކޮޅަށް ދުއްވާ ދެ ލޭނު ހިމެނޭ ގޮތަށް ކަމަށެވެ. އަދި ވަށައިގެން އެގޮތަށް އޮތުމުން، މާލޭގެ އެތެރޭގެ މަގުތަކަށް އެ ލުއި އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”މި ފަސޭހަ މުޅި މާލެތެރެއިން ވެސް ފެންނާނެ،“ ރައީސް ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އިއްޒުއްދީން ފާލަމުން ފެށިގެން އެމްޕީއެލްއާ ހަމައަށް މިހާރު މަގު ހަދާ ނިންމާފައިވާ ކަމަށާއި އަންނަ ހަފުތާގައި އަލަށް ހެދި ބައި ހުޅުވާލާނެ ކަމަށެވެ. އެއާއެކު ނަސަންދުރަ ހޮޓަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މިހާރު ޕާކުކުރާ އުޅަނދުތައް، ދެން ބަދަލު ކުރާނީ އެކަމަށް ހާއްސަކޮށް، ވަކިން ހިއްކި ތަނަށް ކަމަށާއި އެތަނުގައި 500 ސައިކަލަށް ޕާކު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރުން މަގުގައި އުޅަނދުތައް ދުއްވާލަން ވަރަށް ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.



