މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއު ޔޯކަށް ހިނގައްޖެ ނަމަ، އޭނާ ހައްޔަރުކުރެވޭނެ ގޮތެއް އޮތްތޯ ބަލަން އެ ސިޓީގެ ގާނޫނީ އިދާރާތަކާއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަތަންޔާހޫ ހުންނަވަން ޖެހޭނީ ދަ ހޭގް (ބައިނަލްއަގުވާމީ ކޯޓު) ގައި. އޭނާއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް. އަދި މިއީ ފާއިތުވި އަހަރުތަކުގައި އޭނާ ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތް.“ މަމްދާނީ ވިދާޅުވިއެވެ.
މޭޔަރުކަމުގެ ކެމްޕޭނުގެ ތެރޭގައި ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރެއްވި މަމްދާނީ ވަނީ ނަތަންޔާހޫ ނިއު ޔޯކަށް އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް ކުރިން ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ ބައެއް ފަރާތްތަކުން އޭރު ސުވާލު އުފެއްދިއެވެ.
މަމްދާނީ ވިދާޅުވީ ނަތަންޔާހޫ ހައްޔަރުކުރުމުގެ ބާރު ނިއު ޔޯކް ސިޓީއަށް ލިބިގެންވޭތޯ ބެލުމަށް ސިޓީގެ ލޯ ޑިޕާޓްމަންޓާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.



